ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި

ނ.ލަަންދޫގައި އަލަށް ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ލަންދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އޭނާގެ އަރިހުގައި ބިންގާ އެޅުމުގައި ބައިވެރިވެވަޑައިގެންނެވީ މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސްނީ މުބާރިކެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ހިންގަމުންދާ މަޝްރޫއެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ފިޓްނަސް ސެންޓަރުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަމުންދާއިރު، ދާދިފަހުން އެ ވުޒާރާއިން ވަނީ ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި ހުރިހާ މަޝްރޫއެއްވެސް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި