ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސްގައި 15 ކޯޓްރޫމް ހުންނާނެ ކަމަށް ޑީޖޭއޭ އިން ހާމަކޮށްފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ ކުރީގެ ކޮވިޑް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ، ޖަސްޓިސް ބިލްޑިންގ އެނެކްސް ގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ހާއްސަ 10 ކޮޓަރި އާއި ޑްރަގް ކޯޓަށް ޚާއްސަ ފަސް ކޮޓަރި ހުންނާނެ ކަމަށެވެ.
އޭގެ އިތުރުން އެ ޢިމާރާތުގައި ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ހުންނާނެ ކަމަށްވެސް ޑީޖޭއޭއިން މަޢުލޫމާތު ދީފައިވެއެވެ. އެއީ ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް ފަސް ކޮޓަރި ކަމަށް ޑީޖޭއޭ އިން މަޢުލޫމާތު ދީފައިވެއެވެ.
ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލުކުރަނީ އެ ތަން މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭވަރު ވެފައިވާތީއެވެ. ޑީޖޭއޭ އިން ބުނެފައިވަނީ، އާ އިމާރާތުގެ ފަސޭހަތަކާއެކު، ޝަރީއަތްތައް އަވަސްވެ ކޯޓު ރޫމް މަދުވުމުގެ ޝަކުވާ މިވަގުތަށް ހައްލު ވާނެ ކަމަށެވެ.
އޭގެ އިތުރުން ހުޅުމާލޭގެ ޖަސްޓިސް ބިލްޑިންގް އެނެކްސް މި މަހުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު