އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ މަސައްކަތު ގަޑި ދުވާލަކު ހަ ގަޑިއިރަށް ކުރުކޮށްފިއެވެ.
މިގޮތަށް ކަނޑައަޅާފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން ޢަމަލުކުރަންޖެހޭގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައެވެ.
މި އިޞްލާޙުގައިވާ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ދުވާލަކު ހަ ގަޑިއިެވެ. އަދި ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ ދަންފަޅީގެ އުސޫލުން ދުވާލަކު ހަ ގަޑިއިރު ނަމަވެސް، ރަމަޟާން މަހުގައި މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މި ބަދަލާއެކު، އިޞްލާޙުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ އިތުރުގަޑި ހިސާބުކުރާނީ ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށެވެ.
ހަމަ އެއާއެކު، މުވައްޒަފުން މަސައްކަތު ގަޑިއަށް ހާޒިރުވެފައިވަނީ މަސައްކަތު ގަޑީގެ ބޮޑު ބައި (ތިން ގަޑިއިރަށްވުރެ ގިނައިރު) ފާއިތުވި ފަހުން ކަމުގައިވާނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި، މިފަދަ މުވައްޒަފުންނާމެދު ގަވާއިދާ އެއްގޮތަށް އިޞްލާޙީ ފިޔަވަޅު އަޅަންވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ދަންފަޅި އުސޫލުން ދުވާލަކު އަށް ގަޑިއިރެވެ.
ކިޔުންތެރިންގެ ހިޔާލު