ޙައްޖަށް ދިއުމަށް ޢާންމުން ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމަވައިފިއެވެ. ފަތުވާ މަޖިލީހުން މިގޮތަށް ފަތުވާއެއް ނެރެފައިމިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭގޮތުން ހުށައެޅުނު މައްސަލައަކާ ގުޅިގެންނެވެ.
ނިމުނު ހަފުތާގެ އަންގާރަ ދުވަހު ނެރުއްވި ފަތުވާގައި ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލާގައި ޙައްޖު ކޯޕަރޭޝަނުން ދެއްވި މަޢުލޫމާތަކަށް ރިޔާއަތްކުރައްވައި އިސްލާމީ ފަތުވާދޭ މަޖިލީހުގެ މެންބަރުން ނިންމަވާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ އެ ކުންފުނިން ކަމަށެވެ.
ޙައްޖަށް ދިއުމަށް ގަސްތުކޮށް، ޙައްޖު އެކައުންޓުތައް ގިނަ ބަޔަކު ދަނީ ފައިސާ ޖަމާކުރަމުންނެވެ. އެ އިރެއްގައި ކަނޑައަޅާފައިވާ ޙައްޖުގެ އަގުގެ %75 އިންސައްތަ ދެއްކުމުން ޙައްޖަށް ދިއުމުގެ ޖާގަ ކިއުއިން ރިޒާވްކޮށް ލިސްޓުގައި ހިމެނޭނެއެވެ. މިވަގުތު 11،000 އަށްވުރެ ގިނަ މީހުން ޙައްޖު ކިއުގައި ތިބިކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ. ޙައްޖަށް ދިއުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީ 69,965 ރުފިޔާއެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މުދަލުގެ ނިޞާބު ހަމަވެފައިވާ މީހާ މުދަލު ޒަކާތް ނެރުމަކީ، ތަނަވަސްކަމުގެ އަހުލުވެރިންގެ މައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ އަޅު ކަމެކެވެ. މުދަލުޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.
ކިޔުންތެރިންގެ ހިޔާލު