ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން މައިގްރަންޓް ވޯކާ ރިސޯސް ސެންޓަރު (އެމްޑަބްލިޔުއާރުސީ) ސެންޓަރު ހުޅުވައިފިއެވެ.
ވޯޓާ ފްރަންޓް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަމް (އައިއޯއެމް) އޭޝިއާ އެންޑް ދަ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރު ކަޓޯ އިއޯރީ އެވެ.
އެ ސެންޓަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކީ، ކޮންމެ ތަނަކުން އައި މީހަކަށް ވިޔަސް، ކަރާމާތާއި އަދުލުވެރިކަމާއި ގާނޫނުގެ ހިމާޔަތް ލިބެންޖެހޭ މީހެއް ކަމަށެވެ. އަދި ގައުމީ ތަރައްގީގައި ބިދޭސީ މަސައްކަތްތެރިންގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތްކަން ފާހަގަކުރެއްވިއެވެ.
އެ ސެންޓަރަށް ބިދޭސީ މަސައްކަތްތެރިޔަކު ޝަކުވާއެއް ހުށަހަޅައިފި ނަމަ، އެކަމަށް މަސައްކަތްކުރާނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ. އެ އިދާރާ އިން އެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އެމްޑަބްލިޔުއާރުސީ ސެންޓަރުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން މިއަދު ވަނީ މައިގްރަންޓް ކަނެކްޓްގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ވެސް ތައާރަފުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު