ބަދަލު ހިފާނީ ބަލިކަށި މީހުން ކަމަށާއި އެފަދަ ބޭފުޅަކަށް ވެވަޑައިގަންނަވަން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސޯލިހު އެހެން ވިދާޅުވެފައި މިވަނީ، ދާދިފަހުން އެމްޑީޕީއާ އަލުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގަންނަވާފައި ވަނިކޮށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު މަސައްކަތްކުރެއްވީ ސޯލިހާ އިދިކޮޅަށެވެ.
ސޯލިހު ވިދާޅުވީ ބަދަލު ހިފާނީ ބަލިކަށި މީހުން ކަމަށާއި “ސްޓްރޯންގް” މީހުން މައާފުކުރާނެ ކަމަށެވެ. އަދި “އިންޓެލިޖެންޓް” މީހުން “އިގްނޯ” ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދުގެ ކިބައިން ބަދަލު ނުހިފާނެ ކަމަށާއި އެކަން ނަޝީދަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމުން ވަރަށް އުފާކުރައްވާ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހާ ދެމެދު އުފުދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން ނަޝީދު، އެމްޑީޕީން ވަކިވެވަޑައިގެންނެވީ 2023 ގައެވެ. ވަކިވެވަޑައިގެންނެވުމަށްފަހު ދަ ޑިމޮކްރެޓްސް އުފައްދަވައި، ނަޝީދު ގޮވާލައްވަމުން ގެންދެވީ “އެމްޑީޕީ ފުނޑާލާނެ” ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު