އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަޔަކު ރުއްސައި ހެއްވާލަން ކުޅުނު ޑްރާމާއެއް ކަމަށް، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
މިއީ، އީރާނާއި އިސްރާއީލާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލިފަހުން އީރާނުގެ ލީޑަރު ދެއްވި ފުރަތަމަ އާންމު ބަޔާނެވެ.
އީރާނުގެ ޓީވީތަކުން މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގައި ޚަމަނާއީ ވިދާޅުވީ، އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއެޅީ ޓްރަމްޕަށް އެކަންކުރަން މަޖުބޫރުވެގެން ކަމަށެވެ.
އެމެރިކާ ސިފައިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއެޅި ކަމަށާއި، ނަމަވެސް އެމެރިކާއަށް މާބޮޑު ކަމެއް ހާސިލް ނުކުރެވުނު ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހަލާކުކޮށްލެވުނު ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ މާ ބޮޑުކޮށްލައިގެން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
އިސްރާއީލުން އިސްވެ އީރާނަށް ހަމަލާދިނުމުން އީރާނުން އަމިއްލަ ދިފާއުގައި ދެމުންގެންދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަނީ، ޒަޔަނިސްޓުންގެ ދިފާއުގައި ކަމަށާއި، ނަމަވެސް އެމެރިކާގެ ހަމަލާތަކުން ހާސިލްވި އެއްވެސް ކަމެއް ނެތް ކަމަށް، އީރާނުގެ ރޫހީ ލީޑަރު އަޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވެއެވެ.
ވީޑިއޯ މެސެޖް އާންމުކުރުމުގެ ކުރިން އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި، ޒަޔަނިސްޓު އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީއަށް އީރާނުގެ ރައްޔިތުންނަށް މަރްހަބާ ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު