ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މާލެ ފިޔަވައި އެހެން ސިޓީއެއްގައި ހިންގޭ ފުރަތަމަ އޮޕަރޭޝަން އައްޑޫ ސިޓީގައި ފަށައިފިއެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަންގެ 25 އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އޮފިސަރުން ބައިވެރިވެއެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަރަޙައްދުތައް ބަލައި ފާސްކުރުމަށްޓަކައި އޮފިސަރުން ވަނީ ޓީމުތަކަށް ބަހާލެވިފައެވެ.
އޮޕަރޭޝަން ފެށުނީ އައްޑޫ ޕޮލިސް ސްކޫލްގައި ބޭއްވުނު ޚާއްސަ ބްރީފިންގއަކަށްފަހު ހެނދުނު 7:00 ގައެވެ. މި ބްރީފިންގގައި އޮޕަރޭޝަންގައި ހަރަކާތްތެރިވާންޖެހޭ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރެވުނެވެ.
މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަޔާނެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު ވިދާޅުވީ މި އޮޕަރޭޝަންގެ ސަބަބުން އަތޮޅުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ފަސީޙު އިތުރަށް ވިދާޅުވީ މިހާތަނަށް، ޤާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމަށް ބިދޭސީ މަސައްކަތްތެރިންނަށް އެކި ފަހަރުމަތިން ފުރުޞަތުތައް ދެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް އުޅެމުންދާކަން ކޮންޓްރޯލަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުގެ މެސެޖަކީ މީގެ ފަހުން ރަށްރަށުގައިވެސް ފިލައިގެން އުޅުމުގެ ފުރުޞަތު ބިދޭސީންނަށް ނޯންނާނެ ކަމެވެ. އަދި ވީހާވެސް އަވަހަކަށް ޤާނޫނީ އިމުގެ ތެރެއަށް ހުރިހާ މަސައްކަތްތެރިން ވަނުމަށް އިލްތިމާސްކުރަމެވެ،” ފަސީޙު
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީވެސް މި އޮޕަރޭޝަންތަކުގެ މުހިންމު މަޤްޞަދެއްކަމަށް އިމިގްރޭޝަނުން ބަޔާންކޮށްފައިވެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާއެއްނެތި ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށްވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ކުރެވޭ ފުޅާ ދާއިރާގެ މަސައްކަތުގެ ބައެކެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިހާރުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަރުދަނާކަމާއެކު ކުރިއަށް ގެންދަމުންނެވެ.
މި މަސައްކަތުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް މަގުފަހިވެ، ދިވެހި މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުގެ މި މަސައްކަތް ކާމިޔާބުވުމަށްޓަކައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. މިގޮތުން، މި މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހައި ރައްޔިތުން ބައިވެރިވެ، އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު