މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން މިހާރު ފަށާފައިވާ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިމުމާއެކު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ޤާބިލުކަން އިތުރުވެ، މަސްވެރިން ބާނާ ކަޅުބިލަމަހުގެ 90 އިންސައްތަ ބަންދުކޮށް އަގު އިތުރުކުރުމަށްފަހު ބޭރުކުރެވޭ މިންވަރަށް ދާނެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި މިނިސްޓަރު ޝިޔާމު ފާހަގަކުރެއްވި ގޮތުގައި، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބާނާ މަހުގެ ބޮޑުބައެއް ރޯ މަހުގެ ގޮތުގައި ބޭރުކުރަން މަޖުބޫރުވެފައި އޮތުމެވެ. މިހެން ދިމާވަނީ ފާއިތުވި 40 އަހަރު ތެރޭގައި މަސް ބަންދުކުރެވޭނެ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ތަރައްޤީކުރެވިފައި ނެތުމުގެ ސަބަބުންނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖެއިން ބޭރުކުރާ ކަޅުބިލަމަހުގެ 87 އިންސައްތައަކީ ރޯ މަހެވެ. ބައިނަލްއަޤްވާމީ ބާޒާރުން މަހަށް ރަނގަޅު އަގެއް ހޯދޭނީ ދަޅުގައި ނުވަތަ ޕައުޗުގައި ޕްރޮސެސްކޮށްގެން ބޭރުކުރެވޭ މަސް އިތުރުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްގެ ގޮތުގައި، ޕްރޮސެސިންގ ފެސިލިޓީތައް އިތުރުކޮށް، އަގު އިތުރުކޮށްގެން ބޭރުކުރާ މަހުގެ ނިސްބަތް އިތުރުކުރުން ހިމެނެއެވެ. މި ގޮތުން، ފެލިވަރުގައި ހުރި ކޭނަރީގެ ޤާބިލުކަން 100 ޓަނަށް އިތުރުކުރުމާއެކު، ފ. ނިލަންދޫ އަދި ގދ. ފިޔޯރީގައި އައު ދެ ކޭނަރީ ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުތައް ނިމުމުން، ރާއްޖޭގައި މަސް ޕްރޮސެސްކޮށްގެން ބޭރުކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެ، ގާތްގަނޑަކަށް 90 އިންސައްތައަށްވުރެ ބޮޑު މިންވަރެއް ޕްރޮސެސްކުރެވޭނެ ކަމަށް މިނިސްޓަރު ޝިޔާމު ވިދާޅުވިއެވެ. މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީވެސް ބޮޑުތަނުން އިތުރުވާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ.
މީގެ އިތުރުން، ސަރުކާރުން އަންނަނީ މަސް ތާޒާކަމާއެކު ރައްކާކުރެވޭނެ މިންވަރުވެސް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. މި ހުރިހާ މަސައްކަތްތަކާއެކު ކަޅުބިލަމަހުގެ މަސްވެރިކަން އިތުރަށް ކުރިއަރައި، ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު