މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނާދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުއާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތަށް، މޯލްޑިވިސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުމެވެ.
މި ފަހުމްނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްޢާން އާ ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްޢާން އަދި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ.
އަދި ކުޑަކުދިން ބަންދުރާ މަރުކަޒުގައި ތިބި ކުޑަކުދިންނަށްގެ ތަޢުލީމީ ފެންވަރަށް ރިޢާއަތްކޮށް ކްލާސްތައް ނަގައިދޭނެ މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިޙާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ހިންގުން ހިމެނެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ މިއަދުގެ ރަސްމިއްޔާތުގައި ޝުކުރުއަދާކުރައްވާފައެވެ.
ޒަރީރު ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އަބަދުވެސް ދެއްވަމުން ގެންދާ އެހީތެރިކަމާއި، ޚާއްސަކޮށް ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފާއެވެ.
އެގޮތުން ކީރިތި ޤުރްޢާން އާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ދީނީ ކަންކަމާ ގުޅޭގޮތުން މިހާރު ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރުވެސް ރަނގަޅަށް ކީރިތި ޤުރްޢާން ކިޔަވަން ނޭނގޭ ކަމަށެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްޢާން އުގަންނައިދެވޭނެ ފުރުސަތު ލިބިގެންދާ ކަމަށާއި އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޮސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ފަހުމްނާމާ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މިއަދު ސޮއިކުރެވުނު މި ފަހުމްނާމާއަކީ، ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު ކަމެއްކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބޭފުޅުންނަށް ކީރިތި ޤުރްޢާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
އަދި އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް އިންޝާ ﷲ މުސްތަޤްބަލުގައި ޖަލުތަކުގައި ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.