މުވައްޒަފުންގެ ގާބިލުކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ “އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ފަށައިފިއެވެ.
“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް” (އީޑީޕީ) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއާޒް އޮފީސް (ޕީއޭއޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕާފޯމަންސް މެނޭޖްމަންޓް (ޕީއޭޕީއެމް) ޔުނިޓުގެ އިސްނެގުމަށް، ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަދު ފެށި އެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށްގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގައެވެ.
މިއަދުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ އަފީފް ހުސައިންއެވެ. އަފީފުގެ މައުޟޫއު ހާއްސަ ކުރައްވާފައިވަނީ “ލީޑިން އެންޑް ޓްރާންސްފޯމިން އަ ނޭޝަން ތުރޫ ސާވިސް އެކްސެލެންސް ކަލްޗާ” ނުވަތަ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ސަގާފަތެއްގެ ތެރެއިން ގައުމުގެ ތަސައްވުރު ބަދަލުކުރުމުގެ މައްޗަށެވެ.
ރައީސް އޮފީހުން ބުނީ އެ ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ. އީޑީޕީ އަކީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗާތަކާއި، ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިންނެވެ.