މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ.
އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ. ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީ.އީ.އޯ ނަދީމް ޙުސައިން އާއި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ މި ރަސްމިއްތާގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، އެމް.އައި.އެފް.ސީ އިން ތަޢާރަފުކުރާ މާލީ އެއްބާރުލުމުގެ އާ ވިސްނުންތަކާއި، އެ މަރުކަޒުގެ އެހީގައި ތަސައްވަރުކުރައްވާ ކުރިމަގުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ދުބާއީގައި މައި އޮފީސް ހުންނަ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ދިވެހިރާއްޖޭގައި ބްލޮކްޗެއިން އަދި ޑިޖިޓަލް އެސެޓްސް ފައިނޭންޝަލް ހަބެއް ގާއިމްކުރުމަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އާދީއްތަ ދުވަހުއެވެ.
މި މަޝްރޫއުގެ މާސްޓަރ ޕްލޭންގައި ބުނެފައިވަނީ މޯލްޑިވްސް އިންޓަރނޭަޝަނަލް ފައިނޭންސް ސެންޓަރު މާލެ ސިޓީގައި ގާއިމް ކުރާއިރު، އެތަނުގައި 6500 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި، އެއީ 830،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށެވެ. އަދި އެތަނުގައި 16،000 މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މާސްޓަރ ޕްލޭންގައި ބުނެފައިވަނީ މި ޕްރޮޖެކްޓާއެކު ރާއްޖޭގެ ޖީޑީޕީ 3 ގުނަ 4 އަހަރުގެ ތެރޭގައި އިތުރުކޮށް 5 ވަނަ އަހަރުގެ ތެރޭގައި އާމްދަނީ 1 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކުރުމެވެ.
މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.