މާލެ އަތޮޅު ކައުންސިލުން އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން “ކާފު ސާފު ސްކޮލަރޝިޕް” ގެ ނަމުގައި އައު ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގައި މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ޒުވާނުންގެ އާބާދީ އިތުރުކުރުމާއި، އަތޮޅަށް ބޭނުންވާ ދާއިރާތަކުން ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމެވެ.
މި އަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން، ހަތް ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކުރުމަށް ދެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާތަކުގެ ތެރޭގައި އާކިޓެކްޗަރ، މެޑިސިން، ސައިކޮލޮޖީ، އައި.ޓީ، މަލްޓިމީޑިއާ، ސިވިލް އިންޖިނިއަރިންގ އަދި އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.
ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މެއި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ. ޝަރުޠު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މާލެ އަތޮޅު ކައުންސިލް އިދާރާގެ އީމެއިލް ([email protected]) މެދުވެރިކޮށެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޮލަރޝިޕް ޕްރޮގްރާމަކީ އަހަރަކު އެއްފަހަރު ހުޅުވާލެވޭ ޕްރޮގްރާމެކެވެ. އަދި ސްކޮލަރޝިޕް ލިބޭ ފަރާތްތައް ހޮވުމުގައި ޚާއްޞަ ކޮމިޓީއެއް އެކުލަވާލެވި، އެ ކޮމިޓީން ވަޒަންކުރުމަށްފަހު ނިންމުން ނިންމާނެއެވެ.
ސްކޮލަރޝިޕްގެ ދަށުން ފުލް ފަންޑިންގ ލިބޭނީ ކައުންސިލާ އެފިލިއޭޓްވެފައިވާ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށެވެ. އެހެން ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭނީ ޕާޝަލް ފަންޑިންގ އެވެ.
ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތާއި ޝަރުޠުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާކަން ފާހަގަކޮށްލަމެވެ.
ކިޔުންތެރިންގެ ހިޔާލު