އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ފުޅާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފިއެވެ.
އައިއޭއެސްއެލްގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މި ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގެ އަދި ބޭރުގެ ކުންފުނިތަކަށް ކަމަށް އައިއޭ އައިއޭއެސްއެލްއިން ހާމަކޮށްފައިވެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަންވާނީ [email protected] އަށް ކަމަށާއި، އަދި [email protected] އާއި [email protected] އަށް ސީސީ ކުރަންވާނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މާފަރު އެއާޕޯޓުގެ ޓާމިނަލް ފުޅާކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ކުރީގެ އިޢުލާންތަކަށް ބަލާއިރު، 2021 ވަނަ އަހަރު މި މަޝްރޫޢުގެ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރެވުނެވެ. އަދި 2023 ވަނަ އަހަރު ވެސް ޓާމިނަލް ފުޅާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރެވުނެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުނު އެއާޕޯޓެކެވެ. މި އެއާޕޯޓު ތަރައްޤީކުރެވިފައިވަނީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ. މި އެއާޕޯޓުގައި 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އިރު، އެއާބަސް އޭ320 އަދި ބޮއިންގ 737 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ޤާބިލުކަން ލިބިފައިވެއެވެ.