ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރު އެލެސް ސޯބްލްއާއި ޔުނިވަރސިޓީގެ އިސްވެރިޔާ އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހެއި ސުވެއިޔޫއެވެ.
މި ޒިޔާރަތުގައި، ޔުނިވަރސިޓީ އޮފް ލީޑްސްގައި ހުރި ތަޢުލީމީ ފުރުސަތުތަކާއި މަތީ ތަޢުލީމުގެ ދާއިރާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވެނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މި ޔުނިވަރސިޓީގެ އިސް ދަރިވަރެއްކަމާއި، 2009 ވަނަ އަހަރު ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި ފަރާތެއްކަމެވެ.
1904 ވަނަ އަހަރު އުފެދުނު ޔުނިވަރސިޓީ އޮފް ލީޑްސްއަކީ އިނގިރޭސިވިލާތުގެ އެންމެ ނަމުދަރަ ޔުނިވަރސިޓީތަކުގެ ތެރެއިން ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީ ޚާއްޞަކޮށް ފާހަގަކުރެވެނީ ދިރާސާކުރުމުގެ ދާއިރާއިން ހޯދަމުންދާ އިލްމީ ކުރިއެރުންތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގުޅިގެން ކުރިއަށްގެންދާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ކޯ-ބްރޭންޑް ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތުވެސް ލިބިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު