ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅުވައިގެން ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
މުޅި ދިވެހިރާއްޖެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އިސްކަންދިނުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއެއް ޙާޞިލުކުރުމަށް އަމާޒުކޮށް، މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތްކުރައްވާފައިވެއެވެ.
މިއަދު ފާހަގަކުރެވޭ ދުނިޔޭގެޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓުގައި، އެންމެހައި ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޢާރަކީ “ގްލޭޝިއަރ ޕްރިޒަރވޭޝަން” ކަމަށްވާއިރު، މިއީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށް މުހިންމު ޝިޢާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަސްކަމުގައި ފާހަގަކުރެވެމުން އަންނަކަމެވެ. ގްލޭޝިއަރ ނުވަތަ އުސް ފަރުބަދަތަކުގެ މަތީގައާއި ދުނިޔޭގެ އުތުރާއި ދެކުނު ތުނޑީގައި ހުންނަ ގަނޑުފެން ވިރެމުންދާ މައްސަލައަކީ ތިމާވެށީގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމެވެ.
ކިޔުންތެރިންގެ ހިޔާލު