ސަރުކާރުގެ “ޓެކްސީ ލައިން” ޚިދުމަތް ތަޢާރަފުކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކުރެވިއްޖެއެވެ.
މީރުމާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
މި އެއްބަސްވުމުގެ ދަށުން، އެމްޓީސީސީން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ޚިދުމަތް ދިނުމަށް ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރެވި، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު އޫބަރ އަދި ގްރެބް ފަދަ ޚިދުމަތްތަކުގެ ނަމޫނާއަށް ބިނާކޮށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ސައުދީ ވިދާޅުވީ، މި ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގައި ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުން ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ދެނެގަނެ، މި ޓެކްސީ ލައިންގައި ހިމެނޭނީ ހަމައެކަނި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ޚިދުމަތާއެކު ގިނަ ރައްޔިތުންނަށް ވަޒީފާގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސައުދީ ވިދާޅުވިއެވެ. ފުލްޓައިމް އަދި ޕާޓްޓައިމް މަޤާމުތަކުގެ އިތުރުން، ވަޒީފާ ނެތް ފަރާތްތަކަށްވެސް މި ޚިދުމަތުގެ ތެރެއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފުން ހޮވުމުގެ ކުރިން، އެ ފަރާތްތަކަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ސެޝަންތަކުގެ މަޤްޞަދަކީ މަގުމަތީގައި އުޅަނދު ދުއްވުމުގެ ރަނގަޅު އާދަކާދަތައް އަށަގެންނެވުމާއި، ޒިންމާދާރު ގޮތެއްގައި ޚިދުމަތް ފޯރުކޮށްދޯރުކޮށްދިނުމަށް ބާރުއެޅުން ކަމުގައި ސައުދީ ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ތިން މަރުޙަލާއަކަށް ބަހާލައިގެން ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ:
1. ފުރަތަމަ މަރުޙަލާ: މި އަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޚިދުމަތް ފެށުން.
2. ދެވަނަ މަރުޙަލާ: 2026 އަދި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުށްޓަށް ޚިދުމަތް ފުޅާކުރުން.
3. ތިންވަނަ މަރުޙަލާ: 2028 އަދި 2029 ވަނަ އަހަރު ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށްޓަށް ޚިދުމަތް ފުޅާކުރުން.
މި ޚިދުމަތަކީ 24 ގަޑިއިރު ލިބެންހުންނާނެ ޚިދުމަތެއް ކަމުގައި ވަނީ ހާމަކުރެވިފައެވެ.
ސައުދީ ވިދާޅުވިގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ފެންވަރު ރަނގަޅު، ޒަމާނީ އާންމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ގެނެވޭ މުހިންމު ކުރިއެރުމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމުން، ރައްޔިތުންނަށް ފަސޭހަކަމާއެކު، އަގުހެޔޮ އަދި އިތުބާރުހުރި ދަތުރުފަތުރުގެ ވަސީލަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.
ޚުލާޞާކޮށް ބަލާއިރު، މި މަޝްރޫޢަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ ފުޅާ ދާއިރާއެއްގެ މަޝްރޫޢެއް ކަމުގައި ދެކެވެއެވެ.