ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުފުޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި، ރަށްތަކާއި، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ ތެރޭގައި ހުވަދުއަތޮޅު އުތުރުބުރިއަށާއި ދެކުނުބުރިއަށް ވަޑައިގެންފައެވެ. އަދި މީގެ އިތުރުން އަރިއަތޮޅު ދެކުނުބުރިއާއި މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށްވެސް ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު