ބައިނަލްއަޤްވާމީ ފެންވަރުގައި ސާފު ހަކަތައިގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ މެސެޖުގައި، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ، ދުނިޔެ ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
“މޫސުމަށް އަންނށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއް،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، މި މަސައްކަތުގައި ދެމިތިބުމަށް ރައީސް މުޢިއްޒު ހިތްވަރު ދެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އެ މަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ޤައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
“އަޅުގަނޑުމެންގެ ރަށްތައް ޙިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކޮށް، އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ,” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭކަމުގައި ވެސް ވިދާޅުވިއެވެ.
ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މި މެސެޖުން، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، މި ދާއިރާއިން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއެރުންތަކެއް ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލެވުނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ވެސް ހާމަވެގެން ދިޔައެވެ.
ކިޔުންތެރިންގެ ހިޔާލު