ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާ ޖާގައިގެ ދަތިކަން ހުރި ކައުންސިލްތަކަށް އާ އޮފީސް އިމާރާތްކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ހެކްޓަރ ގްލޯބަލް ކުންފުންޏާއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
މި 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަސައްކަތް 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. މި އިމާރާތްތަކަކީ ޖާގަ ތަނަވަސް، ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތްތަކަށް ފަހިވާނެ، އަދި ބޭނުންވާ ވޭނުންވާ ވަސީލަތްތައް ހަމަ އިމާރާތްތަކެއް ކަމުގައި ވާނެއެވެ.
ކައުންސިލްތަކަށް ދިމާވާ ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވަން ނިންމެވި މި މަސައްކަތުގެ ދަށުން، ފުރަތަމަ ފިޔަވަހީގެ ގޮތުގައި 50 ރަށެއްގެ ކައުންސިލް އާ އިމާރާތުގެ މަސައްކަތް އެއްފަހަރާ ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހދ. މަކުނުދޫގައި ބޭއްވި ޖަލްސާއެއްގައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން ޖުމްލަ 187 ކައުންސިލަކަށް ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ހުއްޓެވެ. މީގެ ތެރެއިން 102 ކައުންސިލެއްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާކަމަށް އެ ވުޒާއިން މައުލޫމަތު ދެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއްގެ އިމާރާތް ކުރުމަށް މިހާރު ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީއާއެކު އިތުރު 50 ކައުންސިލެއް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް މި ދައުރުގެ ތެރޭގައި އިމާރާތްކޮށް ނިންމުމެވެ. މި މަޝްރޫޢުގެ ސަބަބުން ގިނަ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށް ބެލެވެއެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި، ކައުންސިލްތަކުގެ ޙާލަތަށް ބެލުމަށްފަހު ވަނީ މި 102 ކައުންސިލް ހޮވާފައެވެ. މި އިމާރާތްތައް ފަރުމާކޮށްފައިވަނީ ކައުންސިލްތަކުގެ މަސައްކަތްތަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގެ ގިނަ ރަށްތަކުގެ ކައުންސިލްތަކަށް ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ސަރުކާރުން ދެކެއެވެ.