ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކޮށްފި

2024 12 03t152647z 1687863909 Rc2qhbazo94u Rtrmadp 3 Southkorea Politics

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ސުވާލުކުރުމަށްޓަކައި ހައްޔަރުކުރެވިފައިވާ ކަމަށް އެ ޤައުމުގެ ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާއިން ބުނެފައިވެއެވެ. މިއީ ވޭތުވެދިޔަ މަހު އެ ރައީސް ކުއްލިއަކަށް ނެރުނު މާޝަލް ލޯގެ ޤަރާރާ ގުޅިގެން ފެށުނު ސިޔާސީ ހަލަބޮލިކަމުގެ އެންމެ ފަހުގެ ބާބެވެ.

ޔޫން ހައްޔަރުކުރެވުނީ ބުދަ ދުވަހުގެ ހެނދުނުގައެވެ. އަދި އޭނާ ދިރިއުޅޭ ގަނޑުވަރު ދޫކޮށް ތަޙުޤީޤުކުރާ ފަރާތްތަކާއެކު މޮޓަރކޭޑެއްގައި ފުރައިގެން ދިޔައެވެ. މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި މަޤާމުގައި ހުރި ރައީސަކާމެދު މިފަދަ ފިޔަވަޅެއް އެޅުނު ފުރަތަމަ ފަހަރެވެ.

ޔޫން ހައްޔަރުކުރެވިފައިވަނީ އޭނާ ނެރުނު ކުރު މުއްދަތުގެ ޤަރާރާ ގުޅޭގޮތުން ކުރެވޭ ގިނަ ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން ސުވާލުކުރުމަށްޓަކައެވެ. މީގެ ތެރޭގައި އިންސަރެކްޝަނެއް އިސްކޮށް ހިންގުމުގެ ތުހުމަތުވެސް ހިމެނެއެވެ. މިއީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ނުވަތަ މަރުގެ އަދަބު ލިބިދާނެ ކުށެކެވެ.

ބުދަ ދުވަހުގެ ހަވީރާ ހަމައަށްވެސް ޔޫން ވަނީ ތަޙުޤީޤުކުރާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދިނުމަށާއި އެއްވެސް ކޮމެންޓެއް ދިނުމަށް އިންކާރުކޮށްފައެވެ. އަދި ސުވާލުކުރުމުގެ ސެޝަންތައް ރެކޯޑުކުރުމަށްވެސް އޭނާ ވަނީ ހުއްދަ ނުދީ ހިފަހައްޓާފައެވެ. އަދި މިކަން ސީ.އައި.އޯ (ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޯ ހައި-ރޭންކިންގ އޮފިޝަލްސް) ގެ އޮފިޝަލެއް ނޫސްވެރިންނަށް ހާމަކޮށްދީފައިވެއެވެ.

ޔޫން ސީ.އައި.އޯ ގެ މައި އޮފީހުން ކައިރީގައިވާ ބަންދުކުރާ މަރުކަޒަކަށް ބަދަލުކުރެވޭނެ ކަމަށް ބެލެވެއެވެ. އެތަނުގައި އޭނާ ރޭގަނޑު ހޭދަކުރާނީ “ސަލާމަތީ ސަބަބުތަކަށްޓަކައި” އެކަހެރި ބަންދެއްގައި ކަމަށް އެ މަރުކަޒުން ސީ.އެން.އެން އަށް މަޢުލޫމާތު ދީފައިވެއެވެ.

ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މި ރައީސް ވަނީ އޭނާގެ ރައްކާތެރިކަން ބަލަހައްޓާ ޚާއްޞަ ސެކިއުރިޓީ ޓީމަކާއެކު ގަދަފަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ އޭނާގެ ގަނޑުވަރުގައި ހަފުތާތަކެއް ވަންދެން ތަޅުލައިގެން އުޅެފައެވެ. މިގޮތަށް އުޅުނީ އޭނާއާ ދެކޮޅަށް ކުރެވޭ އެކި ތަޙުޤީޤުތަކުންނާއި އިމްޕީޗްމަންޓް ޝަރީޢަތަކުން ސަލާމަތްވުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުހައްމަދު
ތިޔައީ ހައަޔަރުކުރަންޖެހިފައި ވާމީހެއް މާކުރިންވެސް
މ މުހައްމާކަލޯ
ވެރިކަމުގައި ހުއްޓާ ހައްޔަރުކުރެވޭނީ ވަރަށް ގަދަވީމަ

ގުޅުންހުރި

ރިޝްވަތުގެ ކުށުގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން 20 މަަހަށް ޖަލަށްލާން ހުކުމްކޮށްފި