މަތިންދާބޯޓު ވެއްޓުން ނުވަތަ ކްރޭޝްވުމުގެ ދެ ހާދިސާއެއް ތަޖުރިބާކޮށް އެ ދެހާދިސާއިންވެސް ގެއްލުމެއްނުވެ ސަލާމަތްވި ދިވެއްސެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އެމީހަކީ ގ.ބަރޯސާ މޫސާ އަންވަރެވެ. އެންމެ ފުރަތަމަ ހާދިސާ ހިގީ 1978 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ދުވަސްވަރަކީ ކޮލެރާގެ ނުރައްކާތެރިކަން ރާއްޖެއަށް ކުރިމަތިވެފައިއޮތް ދުވަސްވަރެވެ. ފަސްމީހުންގެ ޖާގައިގެ ކުޑަކުޑަ ސެނެކާ ފްލައިޓެއްގައި ވެކްސިނާއި އަދިވެސް އިތުރުސާމާނާއެކު އައްޑުއަތޮޅު ގަމަށް ފުރި ޓީމުގައި ހިމެނުނީ ޖުމްލަ ތިން މީހުންނެވެ. އެއީ ފްލައިޓުގެ ލަންކާ ޕައިލެޓާއި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ފޮނުވާފައިހުރި ލަންކާ ޑޮކްޓަރަކާއި ހެލްތު މިނިސްޓްރީގެ ފަރާތުން މޫސާ އަންވަރެވެ. ގަމުގެ އެއަރޕޯޓަށް ތިރިކުރަން ބެލިއިރު މަތިންދާބޯޓުގެ ލޭންޑިން ގިޔަރު މަސައްކަތެއް ނުކުރިއެވެ. ޕައިލެޓް އެންމެ ފުރަތަމަ ނިންމީ ގަމާއި ކައިރިން ދެ ޕެސިންޖަރުން ލައިފް ޖެކެޓް އަޅުވައިފައި ކަނޑަށް ފުންމައިލުމަށެވެ.
ކަނޑަށް ޖެއްސުމުގެ ވިސްނުން ބަދަލުކޮށް ފްލައިޓުން ތެޔޮ ހުސްވަންދެން ގަމުގެ މަތީގައި ބުރުއެޅުމަށްފަހު އެންމެފަހުން ރަންވޭއަށް ތިރިކުރީއެވެ. މަސައްކަތް ނުކުރަނީ ފްރޮންޓް ލޭންޑިން ގިޔަރެވެ. ފަހަތު ދެފުރޮޅު ބަރާބަރެވެ. ރަންވޭއަށް ޖެއްސުމާއެކު ފްލައިޓުގެ ކުރީބައި ރަންވޭގައި ކޭއްތެމުން ވީދެމުންގޮސް މަޑުވިއިރު ފްލައިޓުއޮތީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެކަމަކު އަލިފާނެއް ނުހިފައެވެ. ބޯޓުގައިތިބި ތިން މީހުންކުރެ މީހަކަށްވެސް ޖިސްމާނީ އަނިޔާއެއް ނުވެއެވެ. ދެވަނަ ހާދިސާ ހިގީ އޭގެ ހަމަސްފަހުން 1978 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިންޑިޔާގެ ހައިދަރުއާބާދުގައެވެ. ފްލައިޓަކީ އިންޑިއަން އެއަރލައިންސްގެ ބޮއިން ސެވެންތްރީސެވެންގެ ބޯޓެކެވެ. ޖުމްލަ 132 މީހުންނާއެކު ފްލައިޓް ނައްޓާލީ ބެންގަލޫރަށް ދިއުމަށެވެ. އެ ފްލައިޓުގައި ތިން ދިވެއްސަކުވެސް ތިއްބެވެ. އޭގެތެރެއިން އެކަކީ މޫސާ އަންވަރެވެ. ހައިދަރުއާބާދުގެ އެއަރޕޯޓުގެ ރަންވޭއިން ހިއްލާލިތަނާ ހަމަކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓުނީ އެއަރޕޯޓުގެ ވިނަގަޑުގެ މައްޗަށެވެ.
ބޯޓު ވެއްޓުނު ތަނުން ބިންމަތީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު މަރުވިއެވެ. ފްލައިޓުގައި ތިބި މީހުންގެ ތެރެއިން އެކަކު މަރުވިއެވެ. ވަރަށް ގިނަބަޔަކަށް އަނިޔާވިއެވެ. ބޯޓުގެ އިމަޖެންސީ ކޮންމެވެސް ދޮރަކުން ފުންމާލީކަމެއް ކޮއްޕާ ވައްޓާލީކަމެއް މޫސާ އަންވަރަކަށްވެސް ޔަގީނެއް ނޫނެވެ. މުޅި ބޯޓުތެރޭގައި އޮތީ ދުމެވެ. ބިންމަތީގައި ޖެހުމާއެކު ދުވެފައިގޮސް ބޯޓާ ސަތޭކަވަރަކަށް މީޓަރު ދުރުން ވިނަގަޑުގެ މަތީގައި އޮށޯތީއެވެ. ބޯޓު ވެއްޓުނުއިރު އެރިލޮޅުމުގައި ތަދުވިޔަސް ތަނެއް ބިންދައިގެން ދިޔުން ކަހަލަ ބޮޑު އަނިޔާއެއް ނުވެއެވެ. އިރުކޮޅަކުން ފެނުނީ ބޯޓުގައި އަލިފާންރޯވެ ގޮވި މަންޒަރެވެ. ބޯޓުން ދަތުރުކުރި ތިން ދިވެހީންގެ ތެރެއިން އަނިޔާވީ އެކަކަށެވެ. ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އަނިޔާއެއް ނުލިބި މޫސާ އަންވަރު ސަލާމަތްވީއެވެ. ކޮންމެއަކަސް ވަރަށް ނުރައްކާތެރި ދެ ހާދިސާއެކެވެ. އެ ދެހާދިސާއިން ފުރާނަ ސަލާމަތްވިޔަސް މަތިންދާބޯޓު ދަތުރަކީ ކިހާވަރެއްގެ ކަމެއްކަން މޫސާ އަންވަރުގެ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ.

މިހާރު އުމުރުފުޅުން 79 އަހަރުވީ މޫސާ އަންވަރަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގެ ތަނބެކެވެ. އެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އަދި ތަމްރީނު ހޯއްދެވީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ގަމުގެ ހަސްފަތާލުންނެވެ. ގަމުގެ ވަޒީފާ ފެއްޓެވީ 1963 ގައެވެ. އުމުރުފުޅުން އެންމެ ސޯޅަ އަހަރުގައެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހަސްފަތާލަކު ނޫނެވެ. ހަސްފަތާލުގެ ވަޒީފާއެއް ލިބިވަޑައިގަތީ ގަމުގައި އެހެން ތިން ދާއިރާއެއްގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރެއްވުމަށްފަހުގައެވެ. ގަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް މޫސާ އަންވަރު އިނގިރޭސިބަސް ދެނެވަޑައިގަންނަވައެވެ. ކިޔަވައިވިދާޅުވީ ސުވާދީބު ދުވަސްވަރު ހިތަދޫގައި ހިންގި ސައާދާ އިންގްލިޝް ސްކޫލުންނެވެ. އިނގިރޭސި މުދައްރިސަކީ ލަންކާގެ ރާޖަސިންހަމްއެވެ. ގަމުގެ ހަސްފަތާލުގައި އުޅުއްވަމުން ގަމުގެ އެޑިއުކޭޝަން ސެންޓަރުގައި އޭނާވަނީ އޯލެވެލްވެސް ފުރިހަމަ ކުރައްވައިފައެވެ. ހަސްފަތާލުގައި މޫސާ އަންވަރުގެ ޚާއްސަ ދާއިރާއަކީ ޑެންޓިސްޓްރީއެވެ. ދަތުގެ ފަރުވާއެވެ.
މީގެ އިތުރުންވެސް އާއްމު ބަލިތަކާއި އަންހެނުންގެ ބަލިތަކާބެހޭ ތަމްރީނު ލިބިވަޑައިގަތެވެ. ކަމާބެހޭ އެންމެ މަތީފެންވަރުގެ ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ އަރިހުންނެވެ. އިނގިރޭސިން އައްޑުއަތޮޅު ގަމުން 1976 ވަނަ އަހަރު ފޭބުމަަށްފަހުވެސް މޫސާ އަންވަރު ހުންނެވީ ގަމުގެ ހަސްފަތާލުގެ ވަޒީފާގައެވެ. އިނގިރޭސިން ފޭބީމާ ދިވެހި ސަރުކާރުން އެތަނާ ހަވާލުވެގެންނެވެ. ދިވެހި ސަރުކާރުން އެ ހަސްފަތާލަށް ޒިންމާވާ މިނިސްޓްރީއަކީ އޭރު ފޮރިން މިނިސްޓްރީއެވެ. ގަމުން އިނގިރޭސިން ފޭބިތާ އަހަރެއް ފަހުން މޫސާ އަންވަރު 1977 ގައި އެންމެ ފުރަތަމަ މާލެއަށް ވަޑައިގެންނެވީ ވަޒީފާއެއް ހޯއްދަވާކަށެއް ނޫނެވެ. އޭރުވެސް އޭނާ ހުންނެވީ ގަމުގެ ހަސްފަތާލުގެ ވަޒީފާގައެވެ. މުސާރަ ދެނީ ސަރުކާރުންނެވެ. އޭނާ މާލެއަށް ވަޑައިގެންނެވީ މާލެ ބައްލަވައިލެއްވުމަށް ޗުއްޓީގައެވެ. ކަންދިމާވިގޮތުން އެދުވަސްވަރަކީ ސިންގަޕޫެރުން މުޅިން އަލަށް ދަތުގެ ފަރުވާޔާބެހޭ ޒަމާނީ މެޝިނެއް މާލެ ގެނެސްގެން އެ މެޝިން ސެންޓްރަލް ހޮސްޕިޓަލުގައި ބެހެއްޓުމުގެ މަސައްކަތް ހިގަމުންދިޔަ ދުވަސްވަރެވެ.
ރައީސް ނާސިރު އެދިވަޑައިގަތީ އެމަސައްކަތުގައި ޝާމިލްވެގެން މޫސާ އަންވަރު މާލޭގައި މަޑު ކުރެއްވުމަށެވެ. ހެލްތު މިނިސްޓްރީގެ ދަށުން މާލޭގައި ވަޒީފާ އަދާކުރައްވަން ޖެހިވަޑައިގެންނެވީ އެގޮތުންނެވެ. މޫސާ އަންވަރު ސަރުކާރުގެ ޚިދުމަތުން 2009 ވަނަ އަހަރު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. އޭނާގެ ޚިދުމަތުގެ ދިގު މާޒީގައި ރާއްޖޭގައި ތަފާތު ހެލްތު ލެބޯޓަރީތައް ގާއިމު ކުރެއްވުމާއި ސިއްހީ ޚިދުމަތްތެރިން ތަމްރީނު ކުރެއްވުމާއި ބޭރުގެ ޑޮކްޓަރުން ރެކްރޫޓް ކުރެއްވުމާއި ސްކްރީން ކުރެއްވުމާއި މިހެންގޮސް ތަފާތު އެތަކެއް ރޮގުރޮގުން މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި ފުޅާކުރުމުގެ މަސައްކަތުގައި މޫސާ އަންވަރަކީ އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ހީރޯއެކެވެ. އޭނާގެ މިދެންނެވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި މިއަހަރުގެ ޖުމްހޫރީ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެމަތީ ޝަރަފު މޫސާ އަންވަރަށް އަރުވައިފައެވެ.

އައްޑުއަތޮޅު މީދޫއަށް އުފަން މޫސާ އަންވަރުގެ ޚިދުމަތުގެ ވާހަކަތަކަކީ މިފަދަ ކުރު ލިޔުމެއްގައި ބަޔާންކުރެވޭ ވަރަށްވުރެ ދިގު ވާހަކައެކެވެ. ފޮތެއްގެ ސިފައިގައި އެވާހަކަތައް ބަޔާންކުރުމަކީ އުންމީދެކެވެ. މޫސާ އަންވަރުގެ ސިއްހީ ޚިދުމަތުގެ އެންމެ ޚާއްސަ ދާއިރާއަކީ ދަތުގެ ފަރުވާކަމަށްވާއިރު ކޮންމެހެންވެސް ބަޔާންކުރުން މުހިންމު ނުގުތާއެއް އެބައޮތެވެ. މޫސާ އަންވަރުގެ މާމަ އާމިނާދީއަކީ ދިވެހި ސަގާފީ ބޭސްވެރިކަމުގައި ދަތުގެ ފަރުވާގެ ތަޖުރިބާކާރެކެވެ. މޫސާ އަންވަރުގެ މަންމަ ދޮންދީދީއަކީ އެ ދާއިރާގައި މުޅި އަތޮޅަށް މަޝްހޫރު ތަޖުރިބާކާރެކެވެ. އަދި މޫސާ އަންވަރުގެ ދޮށީ އަންހެންދަރިފުޅަކީ މިޒަމާނުގެ ޑެންޓިސްޓްރީގެ ޚިދުމަތްތެރިއެވެ. މަސައްކަތް ކުރައްވަނީ އިނގިރޭސިވިލާތުގައެވެ. އެގޮތުން މޫސާ އަންވަރުގެ އާއިލާއަކީ ޒަމާނުއްސުރެ އެއާއިލާގެ ތެރޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ދެމިގެން އަންނަ އާއިލާއެކެވެ.
Copyright 2025, Mulhi Raajje | All Rights reserved ©