މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ އެޕްރީލްމަހު ހުޅުވާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް ވިދާޅުވީ، މި އިމާރާތުގެ މަސައްކަތް ނިންމުމުން ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ، ހުޅުމާލޭ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްޤީކޮށްފައިވާ މި އިމާރާތުގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސީލިންގް އެޅުމާއި، ތަޅުމުގައި މުށިޖެހުމާއި، ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ހަރުކުރުމުގެ އިތުރުން ބޭރުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.
ނިޔާޒު ވިދާޅުވީ، އައު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި މި އިމާރާތް އެމްޓީޑީސީގެ އަހަރީ ދުވަހާއި ދިމާކޮށް، އަންނަ އެޕްރީލް މަހުގެ 9ވަނަ ދުވަހު ހުޅުވޭނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުންފުނީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު ބިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، މި އިމާރާތުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޮމްޕެނީއާއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގެޑޯ އާކިޓެކްޓްސްއިންނެވެ.
2205 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ބިނާކޮށްފައިވާ މި އިމާރާތަކީ އާންމުކޮށް ރާއްޖޭގައި މިހާރު ހަދާފައިވާ އޮފީސް އިމާރާތްތަކާއި ތަފާތު ޒަމާނީ ގިނަ ލުއިފަސޭހަތަކެއް ލިބޭގޮތަށް ތަރައްޤީކުރާ އިމާރާތެކެވެ. އެގޮތުން މިގޮތުން 11 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ކޮންފަރެންސް ހޯލެއް ހުންނައިރު، ފުރަތަމަ ފަންގިފިލާގައި ބިޒްނަސް ލައުންޖެއްވެސް ހުންނާނެއެވެ. އަދި އިމާރާތުގެ އެހެން ބުރިތައް ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ އޮފީސް ޖާގަތަކަށެވެ.
މި އައު އޮފީސް ކޮމްޕްލެކްސް ހުޅުވުމަކީ ކުންފުނީގެ ދެމެހެއްޓެނިވި ކުރިއެރުމަށް ލިބޭ ބޮޑު ކުރިއެރުމެއްްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ. އެމްޓީޑީސީގެ އައު އޮފީސް އިމާރާތުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، އެކުންފުނިން ދަނީ ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު