ޖަނަވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 1.03 ބިލިޔަން ޑޮލަރަށް އަރާހަމަކުރިއިރު މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްވެސް 300 މިލިޔަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވްވެސް ވަނީ މަތިވެފައެވެ.
މިއަހަރުގެ ޖަނަވަރީގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތައް މަރުކަޒީ ބޭންކުންވަނީ އާންމުކޮށްފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.
މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 839.8 މިލިޔަން ޑޮލަރުގައެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މިއާއެކު މިގޮތަށް މާރުކުރެވޭ ޑޮލަރުން އެއްބައި އަނބުރާ ބޭންކުތަކަށް އެމްއެމްއޭއިން ރީއެލޮކޭޓް ކުރެއެވެ. މިއަހަރު ރޯދަމަހާއި ދިމާކޮށް އެމްއެމްއޭއިން ވަނީ މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދީފައެވެ. އެއިދާރާއިން ވިދާޅުވީ މި ބަދަލާއެކު އާންމުކޮށް ޑޮލަރު ދޫކުރާ މިންވަރަށް ވުރެ 32 އިންސައްތަ އިތުރަށް މިހާރު ބޭންކުތަކުން ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތައް ވިޔަފާރިތަކަށް ޑޮލަރު ދޫކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު