މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕްރީލް 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޝަރުޠު ހަމަވެފައިވަނީ، އިންތިޚާބު ކުރަންޖެހޭ ޢަދަދަށްކަަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ މަޤާމަށް ކުރިމަތިލީ ކ. ގުރައިދޫ / އޯޝަންރީޑް އިބްރާހީމް ޝަލީޒް އިންތިޚާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ޝަލީޒްއަކީ މިހާރު އެކައުންސިލްގެ ނައިބު ރައީސެވެ.
ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަމިއްލަގޮތުންވެސް ކެނޑިޑޭޓަކު ވާދަކުރިއެވެ. އެހެންނަމަވެސް އޭނާގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން އޭނާ ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އެކޯޓުންވެސް ވަނީ އޭނާއާ ދެކޮލަށް މައްސަލަ ނިމިފައެވެ. ކޯޓުންވެސް ނިންމެވީ އޭނާގެ ކެންޑިޑެންސީ ބަލައިނުގަތުމަށެވެ.
ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީއަށް ކަށަވަރުވުމާއި ގުޅިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކުރިން 70 ގޮނޑި އެޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެއީ ކައުންސިލްގެ 29 ގޮނޑިއާއި އަންހެނުންގެ ތަރައްޤީިއަށް މަސައްކަތްކުރާ ކޮމިޓީގެ 41 ގޮނޑިއެވެ.
އަންނަ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުންވެސް ވާދަކުރަނީ ކޮންގްރެސް ޕާޓީންނެވެ.
ކިޔުންތެރިންގެ ހިޔާލު