މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން، ނުނަގާ ގިނަދުވަސްވީ މުދާތައް ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެދިއްޖެއެވެ.
އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާތައް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް އަންގާކަމަށެވެ. އެ އިޢުލާނުގައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި އިއްޔެގެ ނިޔަލަށް ކްލިއަރ ނުކޮށް ހުރި މުދަލުގެ ތަފްޞީލު ހާމަކޮށްފައެވެ.
އެ މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް، އެ ތަކެއްޗާމެދު ވަކި ގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން، މުދާ ނެގުމަށް ދީފައިވާ މުއްދަތުގައި މުދާ ނުގެންގޮސްފިނަމަ އެފަދަ މުދަލާމެދު ޢަމަލުކުރުމަށް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެކަމަށްވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.
އެމްޕީއެލް އިން ބުނީ އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު