މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ނިންމައި ރޭ ފަތިހު ހުޅުވާލާއިފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 21 ގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.
އެމަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ދަތުރުފަތުރަށް ހުޅުވާލީ ރޭ ފަތިހު 5:00 ގައެވެ. އެ މަގު ހުޅުވާލުމަށް އެންމެ ފަހުގެ ތައްޔާރީތަކުގައި އިއްޔެގެ ހަވީރު ވަނީ އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ބޮޑު ތަކުރުފާނު މަގުގެ މި ސަރަހައްދަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދެވެ. މި މަގު ފުޅާކޮށް އާންމުންނަށް ހުޅުވާލިއިރު، މަގު ފެންނަނީ ވަރަށް ފުޅާކޮށެވެ. ކުރީން އެއްކޮޅަށް ދުއްވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް އޮތުމުން މި ސަރަހައްދުގެ ޓްރެފިކަށް ފަސޭހަކަން ލިބޭނެ އެވެ.
ކިޔުންތެރިންގެ ހިޔާލު