ޖަޕާނުގައި ބޭއްވި އަވަސް އާންމު އިންތިޚާބު، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ސަނާއޭ ޓަކައީޗީގެ ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.
މީގެ ތިންމަސް ކުރިން ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައި ގެންނެވުމަށްފަހު އަވަސް އައު އިންތީޚާބެއް ބޭއްވުމަށް ގޮވާލެވީ ބޮޑުވަޒީރު ޓަކައއީޗީއެވެ.
މިއީ ޖަޕާނު ޕާލަމެންޓުގެ ދަށުގޭގެ އިންތިޚާބެވެ.
ޕާލަމެންޓު ދަށުގޭގެ އަޣުލަބިއްޔަތު ހޯދުމަށް ޕާލަމެންޓުގައި ހިމެނޭ 465 ގޮނޑީގެ ތެރެއިން 233 ގޮނޑި ކާމިޔާބު ކުރަން ޖެހޭއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ބޮޑުވަޒީރު ސަނާއޭ ޓަކައީޗީގެ ލިބަރަލް ޑިމޮކްރަޓިކް ޕާޓީއަށް ގާތްގަނޑަކަށް 300 ގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ. މިއީ ޕާލަމެންޓުގައި އެއް ޕާޓީއަކަށް ލިބުނު އެންމެ ގިނަ ގޮނޑިއެވެ.
މީގެ އިތުރުން، ލިބަރަލް ޑިމޮކްރަޓިކް ޕާޓީއާ ކޯލީޝަން ހަދާފައިވާ ޕާޓީތަކާއެކު، މުޅި ޕާލަމެންޓުގެ ދެބައިކުޅަ އެއްބައި ގޮނޑި، ބޮޑުވަޒީރުގެ ކޯލިޝަނުން ނަގާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ ޕާލަމެންޓުގެ ސުޕަރ މެޖޯރިޓީއެވެ.
އާންމު އިންތިޚާބު ކާމިޔާބު ކުރީ ބޮޑުވަޒީރު ސަނައޭ ޓަކައީޗީގެ ޕާޓީންކަން މީޑިއާއިން ލަފާކުރުމާއެކު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވީ، އޭނާގެ ސަރުކާރުން ކުރިއަށް މައިގަނޑުގޮތެއްގައި އިސްކަން ދޭނެ އެއްކަމަކީ ޖަޕާނުގައި ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތަކެއް ހިންގުން ކަމަށެވެ.
އިންތިޚާބުގެ ކެމްޕެއިންގައި ބޮޑުވަޒީރު ޓަކައީޗީ ވައުދުވެވަޑައި ގެންފައިވަނީ ޖަޕާނުގެ އިގްތިސާދު “ފިކްސް” ކުރައްވާނެ ކަމަށެވެ.
އެހެންކަމުން، އިންތިޚާބުގައި ރައްޔިތުން ދިން ތާއީދާއެކު، ކުރިއަށްއޮތް ދުވަސްތަކުގައި އިގްތިސާދީ ހާލަތު ރަނގަޅުވެ މުސްތަގްބަލް އުޖާލާވެގެންދާނޭ ކަމަށް އުންމީދުކުރާ ކަމަށް އާންމުން ބުނަމުން އެބަ ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު