އައްޑޫގެ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ސަރުކާރުގެ އައިނު ފިހާރަ މިއަދު ހުޅުވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިއަދަކީ އައްޑޫ ސިޓީގެ އިތުރުން ދިވެހިރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު ބޭނުންތެރި ކުރިއެރުމެއް ކަމަށެވެ. “އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ޚިދުމަތް ގާއިމުކޮށް، މިއަދު ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދިއުމަކީ އައްޑޫ އަދި ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތަށް ފަސޭހަކަމެއް ގެނުވާނެކަމެއް. މި ފުރުސަތުގައި، MCGH އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރެއްވި އިޚުލާޞްތެރި މަސައްކަތްތަކަށްޓަކައި ދެ ހޮސްޕިޓަލުގެ ޓީމަށް ޝުކުރު ދަންނަވަން،” ހަލީމް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރައްވައި، ރައްޔިތުންނަށް އިތުބާރު ހުރި ދެމެހެއްޓެނިވި ސިއްހީ ނިޒާމެއް ބިނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކަށް ވެސް ހަލީމް ޝުކުރުއަދާކުރެއްވިއެވެ.
ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް 13،000 އެއްހާ މީހުންނަށް ޚިދުމަތްދީފައިވާ ކަމަށާއި، 12،056 މީހަކަށް އޭގެ ތެރެއިން އައިނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ސަރުކާރުން ނަންބަރު އައިނު ހެދުމުގެ ޚިދުމަތް “އެމްސީޖީއެޗް އޮޕްޓިކަލްސް”ގެ ނަމުގައި ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ.
ކިޔުންތެރިންގެ ހިޔާލު