ޤައުމީ ދިފާޢީ ބާރުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރާ އެއާ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ ޤައުމީ ދިފާޢީ ބާރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތް ހިއްސާ ކޮށްދެއްވާފައެވެ.
ރައީސް ވިދާޅުވީ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު ތެރޭގައި މުުހިިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި އަސްކަރީއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑު ދެގުނަ ކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން ތުރުކީން ހަދިޔާކުރި އުޅަނދު މިދިޔަ އަހަރު ބޭނުން ކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވައިގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރެވޭ އެއާ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް މި އަހަރު ވެސް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު