އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ރައްދު ހަމަލާ ދޭނީ ކުރިން އިންޒާރު ކުރުމަކާ ނުލައި ކަމަށް އީރާނުން އަންގައިފިއެވެ.
އީރާނުން މިކަން ހާމަކުރީ، ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް ނެރުނު އިންޒާރެއްގައެވެ.
އީރާނުން ނެރުނު އިންޒާރުގައި ބުނެފައިވަނީ، ކުރިން ފަހަރު ދުރާލާ ނޯޓިސް ދިން ނަމަވެސް، މިފަހަރު އެފަދައިން ކަންތައް ނުކުރާނޭ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދޭން ފެށުމުން އީރާނުންވަނީ ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަލް އުދައިދް އަސްކަރީ ބޭހަށް ވަރުގަދަ ވައިގެ ރައްދު ހަމަލާތަކެއް ދީފައެވެ.
ނަމަވެސް، އެ ހަމަލާ ދިނުމުގެކުރިން އީރާނުންވަނީ، ގަތަރަށް ކުރިން އެކަން އަންގާފައެވެ. އަދި އެމެރިކާއަށްވެސް އެންގިއެވެ.
އެހެންވެ، އީރާނުގެ ރައްދު ހަމަލާ އައުމުގެކުރިން އަލް އުދައިދްގައި ހުރި އެމެރިކާގެ ބޮންއަޅާ ޖެޓްތަކާއި، ސިފައިންވެސް ރައްކާތެރި ތަންތަނަށް ގެންދެވުނެވެ.
އެމެރިކާއިން އީރާނުގެ ކައިރިއަށް ވަރުގަދަ ކަނޑުގެ ލަޝްކަރެއް ޖަމާކޮށްފައި ވާއިރު، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެއަރބޭސްތަކަށްވެސް ޖެޓުތަކާއި، ހަތިޔާރާއި ސިފައިން ޖަމާކޮށްފައި ވެއެވެ.
އަދި އެމެރިކާގެ ބޭސްތައް ހިމާޔަތް ކުރުމަށް، މިސައިލުން ދިފާއުވާ އައްޑަނަތައް އަތުރައި، އިސްރާއީލު ކައިރީގައިވެސް އައްޑަނަތަށް އަތުރާފައި ވެއެވެ.
ގަތަރުގައި ގާއިމްކޮށްފައިވާ އަލް އުދައިދް އަސްކަރީ ބޭހަކީ އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ބޭސް ނަމަވެސް، އީރާނަށް ފުރަތަމަ ހަމަލާދޭން ފަށާނީ އުރުދުންގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުން ފުރަތަމަ ދުވަހުން ފެށިގެން އިންޒާރު ކުރަމުން ގެންދަނީ، އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ކައިރި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާ ދޭނޭ ކަމަށެވެ. އެފަދަ ގައުމުތައް އީރާނުން ބަލާނީ ދުޝްމަނުންނާ ބައިވެރިވެގެން އީރާނަށް ހަމަލާދޭ ގައުމުތަކުގެ ގޮތުގައި ކަމަށެވެ.
އީރާނަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި، އެއްގަމުމަގުވެސް ބޭނުން ނުކުރެވޭނޭ ކަމަށް އަރަބި ބައެއް ގައުމުތަކުން ބުނެފައި ވާއިރު، ބައެއް ގައުމުތަކުން އެއްވެސް އެއްޗެއް ނުބުނެއެވެ.
އީރާނާ ގާތަށް ލަޝްކަރު ޖަމާކުރުމަށްފަހު ޖެނުއަރީ 31 ގެ ކުރިން އީރާނަށް ހަމަލާދޭން ފަށާނޭ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ކިބައިން މިހާރު ފެންނަމުންދަނީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާތަނެވެ.
އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދޭން އުޅުނީ، އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ގަޔަށް ބަޑިޖަހައި މަރަމުންދިޔަ މައްސަލާގައި ކަމަށް ފުރަތަމަ ބުނި ނަމަވެސް، އެމެރިކާއިން އީރާނަށް ފަހުން ކުރިމަތިކުރި ޝަރުތުތަކުގައި މުޒާހަރާގެ ބައިވެރިންގެ ވާހަކައެއް ނެތެވެ.
ހަނގުރާމައެއްގެ ކޮޅުމަތި މިހާރު ފެންނަމުން ނުދިޔަނަމަވެސް، އެމެރިކާ އަދި އީރާނުންވެސް ގެންދަނީ ޖާސޫސީ އުޅަނދުތައް ފޮނުވައި އެއްބަޔަކު އަނެއް ބަޔަކަށް ފާރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު