މާލޭގެ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު އެކަކުން ފެށިގެން އަށަކަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް، ތާނަ އާއި ޢަރަބި ލިޔަން ދަސްކޮށްދިނުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހަމަޖައްސައި، ރަސްމީކޮށް އެކަން ތަންފީޒުކުރަން ފަށައިފިއެވެ. މި ބަދަލާއެކު މި ދެ ބައި ކިޔަވައިދިނުމަށް ޚާއްޞަ މުދައްރިސުން ހޯދައި، ޓާމު ޓެސްޓު ނަގައި ރިޕޯޓު ފޮތުގައި މާކްސް ހިމަނާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ސްކޫލު ނިމިގެންދާއިރު އަމިއްލަ ނަން ޢަރަބި ބަހުން ލިޔަން ނޭނގޭ ދަރިވަރުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ގޭތެރޭގައި ބެލެނިވެރިން ކުދިންނާ އިނގިރޭސި ބަހުން މުއާމަލާތުކުރުން އާންމުވެ، ދިވެހި ބަހަށް އޮންނަ ލޯބި ކުޑަވެ، ތާނަ ރީތިކޮށް އަދި އަކުރުތަކުގެ ހަމަތަކާ އެއްގޮތަށް ލިޔަން އެނގޭ ކުދިން މަދުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަޝީދު އިތުރަށް ވިދާޅުވި ގޮތުގައި އެސްއެސްސީ އިމްތިހާނު މާކުކުރާ މުދައްރިސުންނަށް ވެސް، ދަރިވަރުންގެ ލިޔުންތައް ކިޔަން އުނދަގޫވެ، އަކުރުތައް ވަކިކުރަން ނޭނގޭ ހިސާބަށް (މިސާލަކަށް ފާފު، ދާލު، ޅަވިޔަނި ނުވަތަ ޓަވިޔަނި ވަކިނުވުން ފަދަ ކަންކަން) ގޮސްފައިވާތީ، ޖަވާބުތައް މާކުކުރަނީ “ގެސް” ކޮށްގެން ކަމުގެ ޝަކުވާ ލިބިލައްވާ ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ލިޔުމުގެ ހުނަރު ތަރައްޤީކުރުމަށްޓަކައި، މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު ޚާއްޞަ އިސްކަމެއް ދީގެން މި މާއްދާތައް ކިޔަވައިދޭން ފެށީކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ސްކޫލުގެ ގްރޭޑު ހަތަކާއި އަށަކަށް މި ޕްރޮގްރާމް ހިންގި ނަމަވެސް، މި ފެށުނު ދިރާސީ އަހަރާއެކު މިވަނީ ގްރޭޑް 1-8 އަށް މިކަން ފުޅާކޮށްފައެވެ. ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ އަޙްމަދިއްޔާ ސްކޫލުގެ ކިޔަވައިދިނުން މިއަހަރުން ފެށިގެން އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާއިރު، ލިޔަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމް ކުރިއަށްދާނީ ހުރިހާ ދަރިވަރުންނަށްވެސް މަޖުބޫރު މާއްދާއެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު