މިއަހަރުގެ ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މާދަމާ ހުޅުމާލޭގައި “ރޯދަ ބާޒާރު” ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީއާއި ހައިރައިސް ގުޅިގެން އެ ބާޒާރު ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ބާޒާރު ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި، ރޭގަނޑު 20:00 އިން 23:30 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެ ބާޒާރުގައި 50 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ. އެ ސްޓޯލްތަކުން ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި، އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ސްޓޯލްތައްވެސް ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ރޯދަ މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރޯދައަށް ގޭތެރެއަށް ބޭނުންވާ ތަކެތި ފަސޭހައިން އެއްތަނަކުން، އަދި އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކުރުމަށް ކުރިއަށްގެންދާ ބާޒާރެއްް ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު