ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅުކޭސް ހޯދުމަށް މިހާތަނަށް 4،805 ގޭބިސީއަކުން ނަމްބަރު ނަގާފައިވާކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ބެހުމުގެ މަސައްކަތް ސަރުކާރުން މިރޭ ވަނީ ފަށާފައެވެ. މިނިސްޓަރު ވިދާޅުވީ އަތޮޅުތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނޭކަމަށެވެ.
މިފަހަރު ގްރޭޓާ މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ.
މާލޭގައި މަސްދަޅުތައް ދޫކުރާނީ މިފްކޯ މަރުކަޒުންނާއި، ސޯޝަލް ސެންޓަރުންނާއި، އެމްޓީސީސީ ސޯ މިލް އިންނާއި، ހެންވޭރު ބޯޅަ ދަނޑު އަދި ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދަކުންނެވެ.
ހުޅުމާލޭގައި މަސްދަޅުތައް ދޫކުރާނީ އުމަރު ޒާހިރު ބިލްޑިން އިންނާއި، ޕޮލްކޯ ޓަވަރުގެ ތިރިބައިންނާއި، މުޙައްމަދު ގާސިމް ޕްރީ ސްކޫލް އިންނާއި، ކާމިލް ދީދީ ސްކޫލާއި، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓުންނާއި އެމްޕީއެލްގެ ޓަވަރުތަކުންނެވެ.
ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުގައެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ކުރިއަށް ދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު