ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުށަހަޅާ ފޯމުތަކަށް ޖަވާބު ދިނުން ލަސްވަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ ވެސް އަވަހަށް އެ ފޯމުތަކަށް ޖަވާބު ދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އީސީން ބަޔާނެއް ނެރެފައިވަނީ، ކެންޑިޑޭޓުންނަށް ވުމަށް އެދި ހުށައަޅާ ފޯމުތައް ޕްރޮސެސްކުރުން ލަސްވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާ މެދު ނިންމި ގޮތް އަންގަން ޖެހެއެވެ. ނަމަވެސް މިހާރު ކެންޑިޑޭޓުންގެ ފަރާތުން ފޯމުތައް ލިބެމުންދާ ވަރަކުން، ޤާނޫނުގައި އެ ބުނާ ފަސް ދުވަހުގެ މުއްދަތަށްވުރެ މާ ކުރިން ކެންޑިޑޭޓުންނަށް ޖަވާބު ދެމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އީސީގެ ޑޭޓާބޭސްތަކާއި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އުފައްދަމުންދާ ސުވާލުތަކަށްވެސް އެ ކޮމިޝަނުން ވަނީ ޖަވާބުދާރީވެފައެވެ. އެގޮތުން ކޮމިޝަނުގައި ޤާއިމްކޮށްފައިވާ ނިޒާމުތަކަކީ ރައްކާތެރިކަމާއެކު ފަރުމާކުރެވިފައިވާ ނިޒާމުތަކެއް ކަމަށާއި، އެ މަޢުލޫމާތުތަކަށް ވާސިލުވެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށް އީސީން ބުނެއެވެ.
އެހެންކަމުން، ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު