ދިރާގުން ކުރިއަށްގެންދާ ”އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް“ ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް މިއަދު އިޢުލާންކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގެ ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ހަރަކާތެއްގައި އިޢުލާންކުރި ގޮތުގައި، މި އަގުބޮޑު އިނާމުގެ ނަސީބުވެރިޔަކީ ކ. މާލޭ، ޢަބްދުﷲ ސަޢީދެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެކެވެ. ދިރާގުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ ތަފާތު އެކި ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. އަދި މި ކޮންމެ ލޯންޗެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހަރުކުރެވިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، ޢަލީ ރިޔާޒް ވިދާޅުވީ، މިފަދަ ޕްރޮމޯޝަންތަކަކީ ކަސްޓަމަރުންނަށް ދިރާގުގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުޚީބަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ”މިފަދަ ޕްރޮމޯޝަންތަކުން ލިބޭ ފުރުޞަތުތަކަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ތިބޭފުޅުންނަށް އެކްސްޕީރިއަންސް ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް،“ ރިޔާޒް ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުޞަތު 31 މާރިޗު 2026 ގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވާލާފައެވެ. ދެވަނަ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން އޮންނާނީ ޖޫން 2026 ގައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:
ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނަށް.
ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ބިލް ދައްކާ ކަސްޓަމަރުންނަށް.
ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށް.
ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ޚާއްސަ ޕޯޓަލް (https://bit.ly/Win-2-SPeedboats) މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ.
މިއަދުގެ ހަރަކާތަކީ ގިނަ އަދަދެއްގެ އާއިލާތަކާއި ކުޑަކުދިން ބައިވެރިވި ފޯރިގަދަ ހަރަކާތެކެވެ. މި ހަފްލާގައި ޑީޖޭ މީކާގެ މިއުޒިކީ ހުށަހެޅުންތަކާއި، ކުޑަކުދިންގެ މަގުބޫލުކަން ހޯދާފައިވާ ރޮބޯމޭންގެ ޚާއްސަ އައިޓަމްތަކެއް ވަނީ ފެނިގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު