އުމްރާގެ އަޅުކަމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އަންނަމުންދާ މި ދުވަސްވަރު އާންމު ރޯގާތައް ފެތުރުން އިތުރުވެފައިވާތީ، ޑޮކްޓަރެއްގެ ލަފަޔާ ނުލައި އަމިއްލައަށް އެންޓިބަޔޮޓިކް ބޭނުން ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާގެ އަޅުކަމަށްފަހު މީހުން އެނބުރި އަންނަ ދުވަސްވަރަކީ ރާއްޖޭގައި ރޯގާ ގިނަވާ ދުވަސްވަރެއް ކަމަށްވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެޗްޕީއޭގެ ރެސްޕިރޭޓަރީ މެޑިސިން ކޮންސަލްޓަންޓް ޑރ. ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ، މިހާރު ރާއްޖޭގައި އެންމެ ބާރަށް ފެތުރެމުންދަނީ އާންމު ރޯގާގެ އިތުރުން އިންފުލުއެންޒާ އަދި ޑެންގޫ ހުން ކަމަށެވެ. މި ބަލިތަކުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، ކަރަށް ތަދުވުމުގެ އިތުރުން ނޭވާ ކުރުވުން ހިމެނޭކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ކިބައިން މިފަދަ އަލާމާތްތައް ފާޅުނުވެ ހިނގައިދާނެތީ، ބަލީގެ އެއްވެސް ނިޝާަނެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑރ. ނަޒްމީ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރޯގާ ޖެހިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ޚާއްސަކޮށް ބަލިވެ އުޅޭއިރު މައިލޯ ފަދަ ގަދަ ކުލަ ހުންނަ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ. މީގެއިތުރުން، އާންމުކޮށް ފެތުރޭ ރޯގާތަކަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބަލިތަކަކަށް ވުމާއެކު، ބެކްޓީރިއަލް އިންފެކްޝަނެއްކަން ޔަގީން ނުވަނީސް އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ބޭކާރު ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ބަދަލުގައި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ގިނަގިނައިން އަތްދޮވުމަށާއި ބަލި ޖެހިފައިވާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމަށް ޑޮކްޓަރު އިލްތިމާސްކުރެއްވިއެވެ.
ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޕީއޭގެ ކޯޑިނޭޓަރ ފައުޒާ ވިދާޅުވީ، ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުމަށާއި، ބޭރުން ކެއިންބުއިން މަދުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޑެންގޫ ފަދަ ބަލިތަކުން ސަލާމަތްވުމަށް މަދިރިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށާއި، ހައްޖާއި އުމްރާއަށް ފުރާ މީހުން ފުރުމުގެ ކުރިން ފްލޫ ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ ބާރުއަޅުއްވާފައެވެ. ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ދަނީ ފްލޫ ކްލިނިކްތައް ޤާއިމްކުރުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު