މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށާއި، މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ތަރައްގީ ކުރި ގަލޮޅު ސިޓީ ޕާކު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕާކަކީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކުރެވި ބަންދުކޮށްފައި އޮތް ތަނެކެވެ. ސިޓީ ޕާކު އަލުން ތަރައްގީކުރުމަށްޓަކައި އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. ނަމަވެސް، އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންގޮސް، މިދިޔަ އޭޕްރީލް މަހު އެ ޕާކުގެ މަސައްކަތް ކުރުމަށްޓަކައި ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ގާތްގަނޑަކަށް 10 އަހަރު ދުވަސް ވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު، އައު ޑިޒައިނަކަށް ވަރަށް ފުރިހަމައަށް ހަދައި މިއަދު ހުޅުވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ޕާކު އަލުން ފަރުމާކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ ގޮތަށެވެ. އެގޮތުން މިތަނުގައި ބެޑްމިންޓަން ކޯޓަކާއި، ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓެއްގެ އިތުރުން، އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ސަރަހައްދެއް ވަނީ ގާއިމްކޮށްފައެވެ. މީގެއިތުރުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން އެކި ކަހަލަ އިވެންޓްތައް ބޭއްވުމަށްވެސް މި ޕާކުގައި ވަނީ ޖާގަ ހާއްސަކޮށްފައެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މާލޭގެ މޭޔަރުކަމުގެ މަގާމުގައި އޭނާ ހޭދަކުރައްވާ މުއްދަތުގައި އެންމެ ބޮޑު އެއް އަމާޒަކީ މާލޭގައި ޖާގަ އޮތް އެންމެ މަތީ މިންވަރަކަށް މިފަދަ ހިތްފަސޭހަ މައިޒާންތައް ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރި މާހައުލެއް ހޯދައިދިނުން ކަމަށެވެ.
މި ޕާކު ހުޅުވައިދެއްވަމުން މޭޔަރު ވަނީ ޕާކު ބޭނުންކުރާ ހުރިހާ ރައްޔިތުންވެސް އެތަނުގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތް ކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު