މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލުން ހޯދި ޚިދުމަތްތަކަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ ދީފައިނުވާތީ، ފިނޭންސް މިިނިސްޓްރީއާ ވާހަކަދައްކައިގެން އެ ފައިސާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ފައިސާ ހޯދުމަށް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެ ކައުންސިލާ ބައްދަލުކޮށް ކުރި މަޝްވަރާތަކުން ކާމިޔާބެއް ނުވި ކަމަށް ވެމްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ ޚިދުމަތް ފުރިހަމައަށް ދިނުމާއެކު ދަތިކަމެއް ނެތި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމައަށް ދިނުމަށް އެ ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބި ލިބި ހުރުމަކީ މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
މުވައްޒަފުންގެ ޕެންޝަން ފައިސާ ދިނުމުގައި ހުރި ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާ މަޝްވަރާކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު