ވ. ފެލިދޫގައި ދަރި ހާލުގައި ދިރިއުޅެމުންދިޔަ އާއިލާއަކަށް، ހެޔޮއެދޭ ގިނަ ބައެއްގެ ދީލަތި އެހީތެރިކަމާއެކު ގެއެއް ބިނާކޮށްދީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ފެލިދޫގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދިޔަ އަލީ ފަޔާޟުގެ އާއިލާއަށް ވަނީ އާ ބޯހިޔާވަހިކަމެއް ބިނާކޮށް، އެ ގެ އެ އާއިލާއާ ހަވާލުކޮށްފައެވެ. މި މަސައްކަތަކީ އެ އާއިލާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ގިނަ ފަރާތްތަކެއް ގުޅިގެން ކުރިއަށްގެންދިޔަ އިންސާނީ އެހީތެރިކަމުގެ ނަމޫނާ މަސައްކަތެކެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި، ވ. އަތޮޅު ކައުންސިލާއި ފެލިދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންކަމަށެވެ.
އަލީ ފަޔާޟުގެ އާއިލާ މީގެ ކުރިން ދިރިއުޅެމުންދިޔައީ އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ނާޒުކު ހާލަތެއްގައި ކަމަށްވާއިރު، މި އާ ބޯހިޔާވަހިކަމާއެކު އެ އާއިލާގެ މެންބަރުންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ވަނީ ކަށަވަރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު