މަތީ ތައުލީމާއި ތަމްރީނާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 2024 އަދި 2025 ވަނަ އަހަރު ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން 6،640 ދަރިވަރުން ވަނީ ކިޔެވުން ފުރިހަމަކޮށް ދަސްވެނިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 4،370 އަންހެން ދަރިވަރުންނާއި 2،270 ފިރިހެން ދަރިވަރުންނެވެ.
މި ޕްރޮގްރާމް ހިންގުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތުން ވަނީ 301 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އޭގެ ތެރެއިން ހަމައެކަނި މިދިޔަ އަހަރުވެސް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އަލަށް 5،863 ދަރިވަރުން މި ސްކީމްގައި ރަޖިސްޓްރީވިއިރު، މިވަގުތުވެސް 8،680 ދަރިވަރުން ދަނީ މި ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކުރަމުންނެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމާއި ލޯން ސްކީމްތަކަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި މުހިންމު މަޝްރޫއުތަކެކެވެ. މި ފުރުސަތުތަކުގެ ބޭނުންހިފައި ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު