ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ ޖުމްލަ 55 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅު ފުއްޓާއި ހުޅުމާލެ ފޭސް ތިނެއް މިހާރު ވަނީ ގުޅުވާލާފައެވެ.
ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ އެ ސަރަހައްދު ނުހިއްކާ ގޮތަށެވެ. ކުރިން މާސްޓަޕްލޭންގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށެވެ. އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. ނަމަވެސް ފަހުން ނިންމީ އެތަން ހިއްކާ ގޮތަށެވެ.
ހުޅުމާލެ ފޭސް ތިނަކުން މިދިޔަ ސަރުކާރުން ވަނީ 1،351 ގޯތި މާލޭގެ ރައްޔިތުންނަށް ދީފައެވެ. އެ ގޯތިތަކުގެ ގުރުއަތުލުން މި ސަރުކާރުން ވަނީ ބާއްވާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކައި ނިންމުމެވެ.
ކިޔުންތެރިންގެ ހިޔާލު