އަންނަ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. މި ލިސްޓު މިހާރު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި، ސަރުކާރުގެ ގެޒެޓުން އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން 1414 އަށް އެސްއެމްއެސް ކޮށްގެންވެސް ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭނެއެވެ.
ވޯޓާސް ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. އެ ކޮމިޝަނުން ބުނީ، ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ފަދަ ބަދަލެއް ގެންނަން ހުށަހަޅާއިރު، އެކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ އެ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ ރިޕޯޓުގައިވާ ގޮތުން، މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރޭގައި 133 ރަށަކުން 3 ކައުންސިލަރުން އަދި 46 ރަށަކުން 5 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް މެންބަރުން އިންތިޚާބު ކުރާނީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރާ އަދަދަށެވެ.
މާލެ ސިޓީއަށް މޭޔަރާއެކު 18 ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް 9 ކައުންސިލަރުން، އަދި ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީއަށް ކޮންމެ ސިޓީއަކުން 7 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު