އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެ. ޣަފޫރު ވިދާޅުވީ ޕާޓީގެ އެތެރޭގައި ނުކަސިޔާރު ކަންތައްތައް ހިނގާނަމަ ބޭނުންވާ އަދަދަށް ގޮނޑިތައް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ގައުމާއި ޕާޓީގެ ހައްގުގައި އެއްބައިވާން ޖެހޭ ކަމަށެވެ.
ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ގުޅުން މީގެ ކުރިން ގޯސްވެ، ނަޝީދު ޕާޓީން ވަކިވެވަޑައިގެން ‘ޑިމޮކްރެޓްސް’ އުފެއްދެވުމުގެ ސަބަބުން 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް މިދިޔަ ޖޫން މަހު ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، ދެ ރައީސުން މިހާރު ވަނީ ކުރީގެ ޚިޔާލު ތަފާތުވުންތައް އެއްފަރާތް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މިދިޔަ ނޮވެމްބަރު މަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިސްތިއުފާ ސިޓީގައިވެސް، ޕާޓީގެ އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާއަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު