ގެދޮރު ގަތުމަށާއި، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ވެސް ބޭނުންވާ ޑައުންޕޭމަންޓް ފައިސާދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.
މި ޤާނޫނުގެ މި މާއްދާއަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްގައިވާގޮތުން ގެދޮރު ގަތުމަށްޓަކައި ނުވަތަ ގެދޮރު އިމާރާތް ކުރުމަށްޓަކައި ނުވަތަ ގެދޮރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓް ފައިސާ، އެ މީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ކޮލެޓަރަލައިޒްކުރެވިދާނެއެވެ.
މި އިސްލާހުގައިވާގޮތުން އަސާސީ ޕެންޝަން ލިބެމުންދާ މީހަކަށް، ޤާނޫނޫއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމަކަށް އިންތިޚާބު ކުރެވިއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަށް އައްޔަނުކުރެވިއްޖެނަމަ އަސާސީ ޕެންޝަން ޙައްޤު ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު