އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ވޭޕް ނައްތާލައިފިއެވެ. މިއަދު ނައްތާލާފައިވާ ތަކެއްޗަކީ ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗެވެ.
މިގޮތުން ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފްއާއި 1 ވޭޕްއާއި 442 ފްލެވާޑް ކާޓްރިޖްއެވެ. މީގެ އިތުރުން 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓްވެސް ވަނީ ނައްތާލާފައެވެ. މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު