ދިރާގުން “ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް” މި ޝިއާރުގެ ދަށުން އެކުލަވާލި 2026 ވަނަ އަހަރުގެ ކަލަންޑަރު ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ތައާރަފްކޮށްފި އެވެ. މި ކަލަންޑަރު ތައާރަފުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.
ކަނޑުފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް ބަރޯސާވާ ގޮތާއި، ދިވެހިރާއްޖޭގައި ދިރާގު އަދާކުރާ ގުޅުވައިދިނުމުގެ މުހިންމު ދައުރާ ގުޅުވައި މި ކަލަންޑަރު ތައްޔާރުކޮށްފައިވެ އެވެ. ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ހިމަނާފައިވާއިރު، ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ކަނޑުގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ، މި ކަލަންޑަރުގެ މަގްސަދަކީ ވަށައިގެންވާ ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ، ކަނޑުތައް ރައްކާތެރިކުރުމަށް ބާރުއެޅުން ކަމަށެވެ. ކަނޑުތައް ރައްކާތެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށް ވާކަން ފާހަގަކުރައްވަމުން އެ ބޭފުޅާ ވިދާޅުވީ، މި ކަލަންޑަރުގެ އެހީގައި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އުންމީދުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު