ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބުނީ ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން އެމްބަސީއަށް އެކަން ރިޕޯޓްކުރި ކަމަށެވެ.
އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެކެވެ. އެ މީހުންނާ މިހާރު ގުޅިފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްބަސީން ބުންޏެވެ.
އެ މީހުންނާ ކުރިން ނުގުޅުނީ އެ މީހުން ދިރިއުޅޭ ސަރަހައްދުން ކަރަންޓް ކެނޑުމުންނެވެ.
ސްރީލަންކާގައި މިވަގުތު 1800 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ކަމަށް އެމްބަސީއިން ބުންޏެވެ.
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މަސްއޫދު އިމާދުގެ އިރުޝާދުގެ ދަށުން އެމްބަސީން އަންނަނީ އެ ގައުމުގައި ދިރިއުޅޭ އެންމެހައި ދިވެހީންގެ ހާލު ބަލަމުންނެވެ.
އެހީއަށް ބޭނުންވާ ފަރާތްތަކުން އެމްބަސީއަށް ގުޅުމަށް ވަނީ އެދިފައެވެ. ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަކީ, 09476991666 އެވެ.
ކިޔުންތެރިންގެ ހިޔާލު