ދުންފަތް ކޮންޓްރޯލް ކުރުމުގައި ރާއްޖޭން ހިންގާ ހަރުދަނާ ސިޔާސަތުތައް ފާހަގަކޮށް ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ރާއްޖެއަށް “އިންޓެގްރިޓީ” އެވޯޑު ދީފިއެވެ. ގައުމުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ތަންފީޒުކުރާ ސިޔާސަތުތަކާއި އެ ސިޔާސަތުތަކުގެ ފެންވަރު ދިރާސާކުރާ “ގްލޯބަލް ސެންޓަ ފޯ ގުޑް ގަވާނެންސް އިން ޓޮބޭކޯ ކޮންޓްރޯލް” އިން ދޭ މި އެވޯޑަކީ ރާއްޖޭން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރަށް ގިނަ ގައުމުތަކުން ތަހުނިޔާ ކުރާކަމުގެ ހެއްކެކެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މި މަހު ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 11 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދެވެ. އެ ޖަމިއްޔާއިން ކޮންމެ ދެ އަހަރަކުން އެއްފަހަރު ޝާއިއު ކުރާ “ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް” ގައި ރާއްޖެއަށް ލިބުނު މަތީ ސްކޯއާއި، ދުންފަތުގެ ވިޔަފާރިކުރާ އިންޑަސްޓްރީގެ ނުފޫޒުން ސަލާމަތްކޮށް ރައްޔިތުންގެ ޞިއްހަތަށްޓަކައި ތަންފީޒުކުރާ ތެދުވެރި ސިޔާސަތުތަކަކީ އެ އެވޯޑު ދިނުމުގައި އިސްކަންދީފައިވާ ކަންތައްތަކެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށް، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މި މަހުން ފެށިގެން މަނާކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން އީ-ސިނގިރޭޓު އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ
ކިޔުންތެރިންގެ ހިޔާލު