އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން ‘އެސްއެމްއީ ޑިޖިޓަލް’ އަށް ބަދަލުކޮށްފިއެވެ.
ކުންފުނީގެ ނަން ބަދަލުކޮށްފައި މިވަނީ 30 އޮކްޓޯބަރު 2025ގައި ބޭއްވި ކުންފުނީގެ ހިއްސާދާރުންގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ފާސްކޮށް، އެމްއެމްއޭގެ ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި މިއަދު ރަޖިސްޓްރީ ކޮށްގެންނެވެ.
އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށެވެ. ކުންފުނީގެ ހިދުމަތްތައް ދެން ބައްޓަންވެގެންދާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުޢާމަލާތްތައް ރަނގަޅަށް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، އަދި މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވުމަށެވެ. މިއާއިއެކު، މިދެންނެވުނު ވިޔަފާރިތަކުގެ ދަތުރުގެ ކޮންމެ މަރުހަލާއަކަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ވެގެން ދާނެއެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލް އާއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައިއެވެ.
ކުންފުނީގެ ރީބްރޭންޑިންގ އާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންގ ފެސިލިޓީތަކުގެ މައުލޫމާތު ލިބެން ހުންނާނެ އެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލެވޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރުމަށްވެސް ވަނީ ނިންމާފައެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާއި، އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެކެވެ.
ރީބްރޭންޑިންގއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، “މި ރީބްރޭންޑިން އަކީ އީޖާދީ ޙައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުގެ ފެށުމެއް، މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މަޢުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވޭ. އެސްއެމްއީ ޑިޖިޓަލް މިދަނީ މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން.”
އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ، އެންމެ ޒަމާނި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީޢާއާއި އެއްގޮތްވާގޮތަށް ޤާއިމުކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. މި އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފްކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު